2023 ވަނަ އަހަރުގެ އެއްބައިވަންތަ ކަމުގެ ސްކޫތު (26 ޑިސެމްބަރ 2023 - 9:20 ކ. ގުރައިދޫ)

2023-12-26

2004 ގެ ސުނާމީ ކާރިސާއަށް 19 އަހަރު ފުރިގެން މި ވަނީ ފާއިތުވެ ގޮސްފައެވެ. މި ކާރިސާގައި ގުރައިދޫއަކީވެސް ބޮޑެތި ގެއްލުންތައް ލިބުނު ރަށެކެވެ. އެހެން ރަށްތަކެކޭވެސް އެއްގޮތަށް ރާއްޖޭގެ އިރުމަތީ ފަރާތުން އައި ބިޔަ ރާޅުތަކާ ބާނިތަކާއެކު ގުރައިދޫގެވެސް އިރުމަތީ ފަރާތުގައި އޭރު ހެދިފައި އޮތް ކުނި ގޮޑާއެކު ރާޅުތައް ރަށުތެރެއަށް އަރާ  40 އަށްވުރެ ގިނަ ގެ ވެއްޓި ގެން ގޮސްފައިވެއެވެ. އަދި  މިކާރިސާގައި 2 ކުޑަކުދިން ނިޔާވެފައިވާއިރު 2 ކުޑަކުދިން ރާޅާއެކު ކަޑަށް ދަމައިގަނެ ގެއްލިފައިވެއެވެ. އެފަރާތްތަކަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. 


އެދުވަހުގެ 9:20 ހާއިރު ގުރައިދޫއަށްވެސް ރާޅުތައްއަރާ މުޅިރަށް ދޮވެވިގެން ދިޔައީ 5 މިނެޓެއް ހާއިރު ތެރޭގައެވެ. އެދުވަހު ގިނަ މީހުން ސަލާމަތްވެގެން އާދެވުނީ މިރަށުގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒަށެވެ. މި ކާރިސާއަށްފަހު މުޅިރަށުން ކަރަންޓްގޮސް ގެތައް ވެއްޓި ގެތަކުގައި ނޫޅެވޭވަރަށް ފެންބޮޑުވުމާއެކު ދެތިންދުވަސް ވަންދެން އެންމެހާ ރައްޔިތުން އުޅުނީ މި ޚާއްޞަ އެހީއަށް ބޭނުންވާ މަރްކަޒްގައެވެ. އަދި ގިނަ ޢަދަދެއްގެ މީހުން މާލޭގައި ހަދާފައިވާ ވަގުތީ ހިޔާތަކަށް މާލެއަށްވެސް ބަދަލްވެފައިވެއެވެ. 


އަދި ސަރުކާރުން އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ހެލްކޮޕްޓަރުން ބައެއްކަހަލަ ދަޅުކާނާ ފޯރުކޮށްދީފައިވެއެވެ. އޭގެ އަނެއް ދުވަހު ކާޑުގެ ބާވަތްތައް ކޯސްޓްގާރޑް މެދުވެރިކޮށް ފޯރުކޮށްދީފައިވެއެވެ.  ސުނާމީ ކާރިސާއަށްފަހު ހަމަވަގުތުން މިރަށުގައިވެސް ޓާސްކް ފޯސް އެއް އުފެއްދިއެވެ. އެވަގުތު ކަތީބަކަށް ހުންނެވީ ޢަބްދުލް ހާދީ ޙުސައިންއެެވެ. އެއަށްފަހު ރަށުގެ ތަފާތު ފެންވަރުގެ ބޭފުޅުންނާއެކު ޓާސްކްފޯސްގެ މަސައްކަތްތައް ހިނގަން ފެށިއެވެ. އަދި ރަށު ތެރޭގެ ޙާލަތު ދެނެގަނެ ގެތަކުގައި ތާށިވެފައިވާ މީހުންވެސް ޚާއްޞަ އެހީދެއްވާ މަރްކަޒަށް ބަދަލް ކުރެވި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތައް ފޯރުކޮށްދޭން ފެށުނެވެ. ކަރަންޓް ލިބުނީ ސްޓެލްކޯގެ ބުރަމަސައްކަތާއެކު އަނެއް ދުވަހުއެވެ. 


ސަރުކާރުން ފޯރުކޮށްދޭ އެހީގެ ތަކެތި ނެގިފައިވާ ޓާސްކް ފޯސްގެ ބެލުމުގެ ދަށުން ރަށުގެ ރަށްޔިތުންނަށް ދޫކުރެވެމުން ދިޔައެވެ.  މި ކާރިސާއާއި ގުޅިގެން ސަރުކާރުންނާ މާލޭގެ ރައްޔިތުންގެ ފަރާތުން ދީލަތި އެހީތައް ލިބެމުންދިޔަކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ޒަރޫރީ ބޭނުންތަކާއި ، ހިފާ ގެންގުޅޭ އެންމެހާ ސާމާނު ދިޔައީ ލިބެމުންނެވެ. ވެއްޓުނު ގެތައް ސަރުކާރާ އެމެރިކަން ރެޑްކްރޮސް އަދި ރެޑްކްރެސެންޓްގެ ފަރާތުން އަޅުއްވާ ދެއްވާ 2 އަހަރެއްހާ ދުވަސްތެރޭގައި އެގެތައް ނިންމާ ވެއްޓުނު ގޭގެ ވެރިފަރާތްތަކާ ޙަވާލް ކުރެވެމުންދިޔައެވެ. އަދި ހަމަ  މިއާއެކު އެގެތަކަށް ބޭނުންވާ ފަރނީޗރވެސް ދެއްވާފައިވެއެވެ. މީގެ އިތުރުން ރަށުގެ އެންމެހާ ގެތައް މަރާމާތުކުރުމުގެ މަސައްކަތް ފައްޓަވާ ކޮންމެ ގެއަކަށް އެގެއަކަށް ލިބިފައިވާ ގެއްލުމަށް ބައްލަވާ ފައިސާ ގެ އެހީތައް ދޫކުރަން ފެށިއެވެ. އަދި ކޮންމެ ބޮލަކަށް ސަރުކާރުން -/1500ރ ގެ ފައިސާގެ އެހީވެސް ދޫކޮށްފައިވެއެވެ. މީގެ އިތުރުން ސުނާމީގައި ގެއްލުން ލިބުނު ބައެއް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށްވެސް އެކިއެކި ފަރާތްތަކުން އެހީތައް ފޯރުކޮށްދެއްވާފައިވެއެވެ. 


ސުނާމީގައި ޙާލުގައި ޖެހި ގެތައް ވެއްޓުނު ފަރާތްތަކަށް ދިރިއުޅުމަށްޓަކައި މިރަށުގެ އިރު އުތުރު ފަރާތް ކުރީގެ ބޯޅަދަނޑުގައި ގިނަ ޢަދަދެއްގެ ޓެންޓްތަކެއް ސަރުކާރުން އެތަނުގައި ޖައްސަވާ އެތަނަށް ކަރަންޓާ ފެނާ އަދި ފާޚާނާކުރުމުގެ އިންތިޒާމް ތައް ހަމަޖައްސާ ބޭނުންވާ އެންމެހާ ޒަރޫރީ އެހީތަކާ ސާމާނު  ގިނަ ދުވަސްތަކެއް ވަންދެން ފޯރުކޮށްދީފައިފައި ވެއެވެ. މިގޮތުން ކާޑުގެ ބާވަތްތައް 2 އަހަރެއްހާ ދުވަސްވަންދެއް އޭރުގެ ސަރުކާރުން ފޯރުކޮށްދެެއްވިއެވެ. 


މިކާރިސާއަށްފަހު ރަށުތެރެ ސާފްކުރުމާ ވެއްޓިފައިވާ ގެތަކުގެ ގާތައް ނަގާ ރަށުތެރެ ސާފްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ރަށުގެ ރައްޔިތުން ގުޅިގެން ކުރަން ފަށާފައިވާ ކަން ފާހަގަކޮށްލަމެވެ. މިކަމުގައި ސަރުކާރާ ފުލުހުންނާ، ޑިފެންސް އަދި ސްކައުޓުން އަދި ތަފާތު ބޭރުގެ އެހީދޭ ފަރާތްތަކާ ރާއްޖޭގެ އެހީދޭ ފަރާތްތައް ބައިވެރިވެލައްވާފައިވާ ކަން ފާހަގަކޮށް ޝުކުރު އަދާކޮށްލަމެވެ. މި ކާރިސާއާއި ގުޅިގެން ރައްށުގެ ރައްޔިތުންގެ އެއްބައެއްވަންތަކަން ފުރިހަމަ ގޮތެއްގައި ފެނިގެން ގޮސްފައިވާ ކަން އުފަލާއެކު ފާހަގަކޮށްލަމެވެ. މި ކާރިސާއިން މި ގުރައިދޫ އަރާގަނެވިފައިވަނީ ގާތްގަޑަކަށް 5 ވަރަކަށް އަހަރު ފަހުންނެވެ.